ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމު ނިންމުމުގް ރަސްމިއްޔާތު 15 މެއި 2014 ވީ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ. ރަސްމިއްޔާތުގައި ޑްރަގްކޯޓުގެ ފަރުވާޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފައިވެއެވެ. ފަރުވާފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް މިހާތަނަށް ދެ ރަސްމިއްޔާތު ބޭއްވިފައިވެއެވެ.
ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށްޓަކައި މިހާތަނަށް ދެ ރަސްމިއްޔާތު ބާއްވާފައިވާއިރު 26 ޖޫން 2013 ގައި ދަސްވެނިވެފައިވަނީ 8 ފަރާތެކެވެ. އަދި 15 މެއި 2014 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ދަސްވެނިވެފައިވަނީ 99 ފަރާތެކެވެ. މިރަސްމިއްޔާތު ބޭއްވިފައިވަނީ 15 މެއި 2014 ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ހޯލްގައެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޑްރަގްކޯޓަކީ ދިވެހިރާއްޖެއަށް އަލަށް ތަޢާރަފް ކުރެވުނު މަހުފޫމަކަށް ވީނަމަވެސް އިތުރު ތަމްރީނަކާ ނުލައި ޑްރަގްކޯޓު މިހާތަނަށް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، ނަމަވެސް އެކޯޓުގެ ފަނޑިޔާރުންނަށް އިތުރު ތަމްރީން ލިބެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. ޑްރަގްކޯޓު ހިންގުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު ވެސް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ފަރުވާ ފުރިހަމަކޮށްގެން ނުކުންނަ ފަރާތްތަކަށް މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.
ދަސްވެނިވެފައިވާ ފަރާތްތަކާ މުޚާތަބުކުރައްވާ ނަސޭހަތުގެ ބަސްކޮޅެއް އިއްވަވާދެއްވީ އަލްއުސްތާޛާ އާޢިޝަތު ޚަލީލާ އެވެ. އެކަމަނާގެ ވާހަކަފުޅުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭގޮތުން ދީނީގޮތުން އަގުހުރި އިރުޝާދުތަކެއް ދެއްވިއެވެ. މީގެއިތުރުން ރިކަވަރިން އެޑިކްޓެއްކަމަށްވާ އަޙްމަދު ފައިރޫޒާއި ޑްރަގްކޯޓުގެ ފަރުވާގެ ޕްރޮގްރާމް ނިންމި ފަރާތެއް ކަމަށްވާ ޙަސަން ޝާހިދު ވާހަކަ ދެއްކެވިއެވެ. ފަރުވާ ފުރިހަމަކޮށްގެން މުޖުތަމަޢަށް ނުކުމެ އުޅުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް މި ދެބޭފުޅުވެސް ފާހަގަ ކުރެއްވިއެވެ.