ޑްރަގްކޯޓަށް ލިބިފައިވާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް ބާއްވަން ފަށައިފި
ޑްރަގް ކޯޓަށް ލިބިފައިވާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް 17 ޖޫން 2012 ވީ އާދީއްތަ ދުވަހު ފަށައިފިއެވެ. މިގޮތުން ހެނދުނު 9:30އިން ފެށިގެން 04 އަޑުއެހުމެއް ވަނީ ބޭއްވިފައެވެ. އިބްތިދާއީ އަޑުއެހުމަކީ މައްސަލާގައި ހިމެނޭ ފަރާތުގެ ޝަރީޢަތް ފެށުމުގެ ކުރިން ކޯޓުން ޔަގީންކުރަންޖެހޭ ކަންތައްތައް ޔަގީންކުރުމަށް ބާއްވާ ބައްދަލުވުމެކެވެ
. މީގެ ތެރޭގައި ދައުވާ އުފުލިފައިވާ މީހަކީ ކޯޓުގެ އިޚްތިޞާސް ހިނގާ މީހެއްކަން ނުވަތަ ނޫންކަން ބެލުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތާއި ބޭނުންވާ ފަރުވާ ކަނޑައެޅުމަށްޓަކައި ޤާނޫނުގެ ދަށުން ހަދަންޖެހޭ އިންޑިކޭޓިވް އެސެސްމަންޓް ހަދަން އެއްބަސްވާކަން ނުވަތަ ނޫންކަން ޔަގީންކުރުން ހިމެނެއެވެ. މީގެ އިތުރުން ފަރުވާހޯދުމަށް އެއްބަސްވާކަންވެސް ޔަގީންކުރާނެއެވެ. އަދި މިބައްދަލުވުމުގައި ވަކީލަކު އައްޔަންކުރަން ބޭނުންވާ ފަރާތްތަކަށް ޝަރީއަތް ފެށުމުގެ ކުރިން ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ހުޅުވާލެވެއެވެ. އިބްތިދާއީ ބައްދަލުވުމަށްފަހު ދައުވާލިބޭ ފަރާތް ދޫކޮށްލަނީ ތިންކަމަކަށް ޝަރުތުކޮށްފައެވެ. އެއީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އިން ހަދާ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އެން.ޑީ.އޭ އިން އަންގާ ތަނަކަށް ދިއުމާއި ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ނުދިއުމާއި ފަރުވާގެ މުއްދަތުގެ ތެރޭގައި ކުށެއް ނުކުރުމެވެ. ޑްރަގް ކޯޓުގެ އިބްތިދާއީ އަޑުއެހުންތައް ފެށިފައިވާއިރު ކޯޓުން މިހާރު މަސައްކަތްކުރަމުންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކަމުގައިވާ 26 ޖޫން ގައި ރަސްމީކޮށް ޝަރީޢަތްތައް ފެށުމަށެވެ.