ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީއާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ ފަރާތުން ޑްރަގް ކޯޓުގެ ޤާޟީންނަށާއި މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
8 ޖޫން 2023 ގައި ޑްރަގް ކޯޓުގައި ބޭއްވުނު މި ސެޝަންގައި މަޢުލޫމާތު ދެވިފައިވަނީ ވަނީ ސ. ހުޅުމީދޫގައި ޤާއިމްކުރެވިފައިވާ ވިލުނު ސެންޓަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަރުވާ ކަމުގައިވާ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީ.ބީ.ޓީ) އާ ގުޅޭ ގޮތުންނެވެ.
އެންޑީއޭއިން ވިދާޅުވާ ގޮތުގައި ސީ.ބީ.ޓީގެ ތެރޭގައި، ކޮންމެ މީހަކަށް ވަކިން ދޭ ފަރުވާއާއި، ގްރޫޕްކޮށް ދޭ ފަރުވާއާއި، އެމީހުންގެ އާއިލާ ބައިވެރިކޮށްގެން ދޭ ފަރުވާ ވެސް ހިމެނެއެވެ.
ވިލުނުގައި ކުރިޔަށް ގެންދެވޭނެ ކަންކަމުގެ ތެރޭގައި 1 މަހުގެ ޑިޓޮކްސިފިކޭޝަން ޕްރޮގްރާމާއި، 21-7 ދުވަހުގެ މެޑިކަލް ޑިޓޮކްސިފިކޭޝަނާއި، 7 ދުވަހުގެ ސްކްރީނިންގއާއި އެސެސްމަންޓް ރިވިއު ހިމެނެއެވެ. އަދި ސައިކޯސޯޝަލް ސަޕޯޓް ގްރޫޕެއްގެ އެހީތެރިކަމުގެ އިތުރުން، މި ސެންޓަރުންދޭ ފަރުވާގެ ޕްރޮގްރާމްތަކުގެ އިންތިޤާލީ މަރުޙަލާތަކުގައި ތަޢުލީމީ ޕްރޮގްރާމްތަކާއި ވަޒީފާއާ ގުޅުން ހުރި ނަސޭހަތް ދިނުން ވެސް ހިމެނެއެވެ.