ޑްރަގް ކޯޓުގެ 10 ވަނަ އަހަރުގެ އަހަރީ ޙަފުލާ ބާއްވައިފި!
ޑްރަގް ކޯޓު ގެ 10 ވަނަ އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ.
26 އޮގަސްޓް 2023 ވަނަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް ހެލްތް، ގެ މޫމިނާ ހަލީމް މާލަމް ގައި ބޭއްވުނު މި ޙަފުލާގެ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަލްފާޟިލް އަޙްމަދު ނަސީމެވެ. މީގެ އިތުރުން މި ޙަފްލާގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އަދި ޑެޕިއުޓީ ހެލްތް މިނިސްޓަރ އަލްފާޟިލް ޝަމާޢު ޝަރީފު އާއި އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ނާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙަފްލާގައި 2022 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި ޑްރަގް ކޯޓުގައި 10 އަހަރުވީ ފަނޑިޔާރުންނާއި މުވައްޒަފުން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެވުނެވެ.
2022 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝަތު ޝިފްލާ އަދުނާނެވެ.