ޑްރަގް ކޯޓުގެ ވެބްސައިޓު އިފްތިތާޙް ކުރެވިއްޖެ
ޑްރަގް ކޯޓު ވަގުތީގޮތުން ހިނގަމުން އަންނަ ފަންހިޔާ ބިލްޑިންގ ގައި 26 ޖޫން 2012 ވީ އަންގާރަ ދުވަހުގެ ރޭ މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންއެވެ. ވެބްސައިޓު އިފްތިތާޙުކޮށްދެއްވުމަށްފަހު އުއްތަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ޑްރަގް ކޯޓުގެ ވެބްސައިޓަކީ ކޯޓުން ކުރަމުންދާ މަސައްކަތްތަކުގެ ޞައްޙަ މަޢްލޫމާތު ދުވަހުންދުވަހަށް ފޯރުކޮށްދިނުމުގެ ވަސީލަތެއްގެ ގޮތުގައި ހެދުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޚަޞްމުންނަށާއި، ވަކީލުންނަށާއި، އަދި ޢާންމުކޮށް އެންމެންނަށްވެސް ، އެފަރާތްތަކަށް ބޭނުންވާ މަޢްލޫމާތު މި ވެބްސައިޓު މެދުވެރިކޮށް ލިބިދެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ކޯޓުތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށް ވިދާޅުވެ، އެހެނިހެން ކޯޓުތަކެކޭ އެއްފަދައިން ޑްރަގް ކޯޓަށްވެސް މިކަމުގެ ދަތިކަން ތަޙައްމުލުކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަންތައް ޙައްލުކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރުގެ ޙައިޘިއްޔަތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންދާކަމަށްވެސް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ޑްރަގް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ކޯޓަށް ކުރިމަތިވެފައިވާ ހުރަސްތަކާބެހޭ މަޢްލޫމާތު ކޯޓު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޤާޟީ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އުއްތަމަ ފަނޑިޔާރާ ޙިއްޞާކުރެއްވިއެވެ.މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސްގާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދާއި، ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބައިވެރިވެޑައިގަތެވެ.