ޑްރަގް ކޯޓުގެ އަޑުއެހުންތަކެއް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުން
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 43 ވަނަ މާއްދާއިން ޑްރަގް ކޯޓުގެ ފަނޑިޔާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ހުއްދަކުރާތީއާއި، ޑްރަގް ކޯޓަށް ހުށަހެޅިފައިވާ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ދަޢުވާލިބޭފަރާތްތަކަކީ ޖަލުގައި ޙުކުމްތަންފީޒުކުރަމުންދާ ފަރާތްތަކަކަށްވެފައި އެފަރާތްތައް ޑްރަގް ކޯޓަށް ޙާޟިރުކުރުމުގައި ގިނަ ދަތިތައްކުރިމަތިވަމުންދާތީ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅިގެން ޑްރަގް ކޯޓުގެ އަޑުއެހުން މިއަދު ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.
ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ޑްރަގް ކޯޓުގެ 28 މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމާއި ނޭޝަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ހުށަހަޅާފައިވާ 5 މައްސަލައެއްގެ ޙުކުމްކުރުން އޮންނާނެއެވެ. އިބްތިދާއީ އަޑުއެހުންތަކަކީ ދަޢުވާލިބޭފަރާތް ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާކަން ނުވަތަ ނޫންކަމާއި، ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާން އެއްބަސްވާނަމަ ދަަޢުވާލިބޭފަރާތް މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތާއި، ދޭންޖެހޭ ފަރުވާގެ ބާވަތް ކަނޑައެޅުމަށްޓަކައި އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކުރުމަށްޓަކައި ބާއްވާ އަޑުއެހުންތަކެކެވެ. ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ޑްރަގް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔަނަމަވެސް ޑްރަގް ކޯޓުގައި މިއަދު ހިންގުމަށް ތާވަލުކޮށްފައިވާ މައްސަލަތައް ކުރިއަށް ދާނެއެވެ.