ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމު ނިންމުމުގެ ފުރަތަމަ ރަސްމިއްޔާތު ބާއްވައިފި
ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ފުރިހަމަކުރި ފަރާތްތަކުން ހޯދި ކާމިޔާބު ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ޑްރަގް ކޯޓުގައި ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ޑްރަގް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދެވީ ޑްރަގް ކޯޓު ހިންގުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއެވެ. ޤާޟީ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ޤާޟީ އަލްއުސްތާޛު ޙުސައިން ޝަހާމަތު މާހިރުއާއި، ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފަރުވާހޯދި ފަރާތްތަކާ މުޚާޠަބުކޮށް އެފަރާތްތަކަށް ފަރުވާގެ ޕްރޮގްރާމުގައި ލިބުނު ފިލާވަޅުތަކާއި ދަސްވި ރިވެތިއާދަތަކުގެ ބޭނުންހިފައިގެން މުޖުތަމަޢުގައި އުޅުމަށް އެން.ޑީ.އޭގެ ކައުންސެލަރު އަލްފާޟިލް މުޙައްމަދު އިބްރާހީމް މިރަސްމިއްޔާތުގައި ނަސޭހަތްތެރިވެލެއްވިއެވެ. އަދި މި ރަސްމިޔާތުގައި ފަރުވާހޯދި ފަރާތްތަކުގެ ތެރެއިން އަލްފާޟިލް އިބްރާހީމް ޝަފީޢު ވާހަކަ ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ފަރުވާފުރިހަމަކުރި ފަރާތްތަކުގެ ބެލެނިވެރިންގެ އިތުރުން ޕީ.ޖީ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ކޮންމެ ފަނޑިޔާރަކު ވަކިވަކިން ފަރުވާފުރިހަމަކުރި ފަރާތްތަކަށް ނަސޭހަތް ދެއްވުމާއެކު، އެފަރާތްތަކުން ހޯދިކާމިޔާބު ފާހަގަކުރުމުގެ ގޮތުން އެފަރާތްތަކާ ސެޓްފިކެޓް ޙަވާލުކުރެއްވުމުންނެވެ.