ޑްރަގް ކޯޓުގެ ރިސެސް ފެށުން
ޑްރަގް ކޯޓުގެ ކަލަންޑަރު 2013 ގައިވާ ގޮތުގެ މަތިން ޑްރަގް ކޯޓުގެ ރިސެސްގެ ފުރަތަމަ ޓާރމް މިއަދު (24 ޖުލައި 2013) ގައި ފެށިއްޖެއެވެ. ރިސެސްގެ ފުރަތަމަ ޓާރމް ނިމެނީ 07 އޮގަސްޓް 2013 ދުވަހުގައެވެ. ކޯޓުގެ ރިސެސްގެ މުއްދަތުގައި އިބްތިދާއީ އަޑުއެހުންތަކާއި، ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ނުގެންދާނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 78 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުންކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް އިއްޔެ ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވެއެވެ.
އެގޮތުން، ޑްރަގް ކޯޓުގެ ޤަވާޢިދު މުރާޖިޢާކުރުމާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް ނިންމުމާއި، ފަރުވާހޯދާ މީހުން ފަރުވާހޯދާ މުއްދަތުގައި ކޯޓަށް ޙާޟިރުކޮށް ކުރިއަށް ގެންދާ ހާލަތު ބައްދަލުވުން އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކޯޓުގެ ރެކޯޑުތައް އަޕްޑޭޓްކުރުމާއި، ޝަރީޢަތާގުޅޭ މުހިއްމު އުސޫލުތައް މުރާޖިޢާކުރުން ހިމެނެއެވެ.
ޑްރަގް ކޯޓުގެ ރިސެސްގެ ފުރަތަމަ ޓާރމް ފެށުނުއިރު، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ %60 މީހުންގެ ( 548 މީހުންގެ) އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކުރެވިފައިވެއެވެ. ބާކީ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް އަމުރު ނުކުރެވިވަނީ %40 މީހުން (370 މީހުން) ނެވެ. ހަމައެއާއެކު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ %32 މީހުންގެ (293 މީހުން)ގެ މައްޗަށް ފުރަތަމަ ޙުކުމާއި ރީހެބިލިޓޭޝަން އަމުރުކުރެވިފައިވެއެވެ.