ފަރުވާދޭ މަރުކަޒަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ވައްދަން މަސައްކަތް ކުރި މީހަކު ފަރުވާގެ ޕްރޮގްރާމުން ވަކިކުރެވިއްޖެ!
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލައެއްގެ ދަށުން މިކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަމުންދިޔަ ފަރާތެއް ކަމުގައިވާ މުޙައްމަދު ޠާހާ، ދަފްތަރު ނަންބަރު 5268/ކ.މާލެ 29 އޯގަސްޓް 2013 ދުވަހު ފަރުވާގެ ޕްރޮގްރާމުން ވަކިކުރެވިއްޖެއެވެ. ފަރުވާގެ ޕްރޮގްރާމުން މުޙައްމަދު ޠާހާ ވަކިކުރެވިފައިވަނީ ޑްރަގް ކޯޓުގެ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފަރުވާދޭ މަރުކަޒަށް ވައްދަން އުޅެފައިވާތީ،
މިކަމަކީ ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޤަވާޢިދުގެ 26 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ މުޙައްމަދު ޠާހާ ވެފައިވާ ޚިލާފުވުމެއް ބަލައި، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 80 (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
މުޙައްމަދު ޠާހާ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމާއެކު، ޑްރަގް ކޯޓުގެ ނަންބަރު 106/DC/2012 ޤަޟިއްޔާގައި އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރު ދުވަހުގެ ޙުކުމް (ފުރަމަތަ ޙުކުމް) ތަންފީޛުކުރުމަށްޓަކައި މިހާރުވަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއާ ޙަވާލުކުރެވިފައެވެ. މުޙައްމަދު ޠާހާ ފަރުވާފުރިހަމަކުރިނަމަ، 03 އަހަރު ދުވަހުގެ ޙުކުމަކީ ބާޠިލުކުރެވޭނެ ޙުކުމެކެވެ.