ފަރުވާގެ ޕްރޮގްރާމު ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އަމުރުކޮށްފި
ޑްރަގް ކޯޓުގެ ނަންބަރު 68/DC/2013 ޤަޟިއްޔާގައި ޔަޒްދާދު ޤާސިމް ގެ މައްޗަށް ކުރެވިފައިވާ ނަންބަރު 435-D1/RO/2013/207 ރީހެބިލިޓޭޝަން އަމުރުގައި ބަޔާންކުރެވިފައިވާ ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމުގެ ތެރޭގައި ޔަޒްދާދު ޤާސިމް ފަރުވާގެ ޤަވާޢިދާ ޚިލާފްވެފައިވާތީއާއި ފަރުވާއަށް އެއްބާރުލުން ނުދިނުމުން، ފަރުވާގެ ޕްރޮގްރާމުން ޔަޒްދާދު ޤާސިމް ވަކިކުރުމަށް ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މުރާޖިޢާ ކޮމިޓީން ނިންމައި އެކަމުގެ ހުއްދައަށް އެދި ނޭޝަނަލް ޑްރަގް އެޖެންސީން 09 ސެޕްޓެމްބަރ 2013 ހުށަހަޅާފައި މައްސަލައިގައި، ޔަޒްދާދު ޤާސިމް ފަރުވާގެ ޕްރޮގްރާމުން ވަކިނުކުރުމަށް މިއަދު ކޯޓުން ނިންމައިފިއެވެ. ޔަޒްދާދު ޤާސިމްގެ މައްސަލައިގައި ފަރުވާގެ ޕްރޮގްރާމުން ވަކިނުކުރުމަށް ނިންމާފައިވަނީ،
ފަރުވާގެ ޕްރޮގްރާމުގައި ޔަޒްދާދު ޤާސިމްއަށް ބައިވެރިވެފައިނުވަނީ އޭނާ ފުލުހުންގެ ބަންދުގައި ހުރުމުގެ ސަބަބުންކަމަށްވެފައި، އެކަމާ ގުޅިގެން ކޯޓުން ފިޔަވަޅުއަޅާފައިވާތީއާއި، ފުލުހުންގެ ބަންދުން ޔަޒްދާދު ދޫކުރިފަހުން ފަރުވާގެ ޕްރޮގްރާމު ފެށުމަށްޓަކައި ޔަޒްދާދު ޤާސިމްއާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން މުޢާމަލާތު ކޮށްފައިނުވާތީއެވެ. ރީހެބިލިޓޭޝަން އަމުރުގެ މުއްދަތުގައި ފުރަތަމަ ފަހަރަށް ޔަޒްދާދު ޤާސިމް ފުލުހުންގެ ބަންދަށް ގެންދިއުމާއެކު، ކޯޓުންވަނީ އޭނާ 100 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ދެވަނަ ފަހަރަށް އޭނާ ފުލުހުންގެ ބަންދަށް ގެންދެވިއްޖެނަމަ ފަރުވާގެ ޕްރޮގްރާމު ހުއްޓާލެވޭނެއެވެ.