އިތުރު ފަސް މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 05 މީހަކު އެ މީހުން ބައިވެރިކޮށްފައިވާ ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހުންގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ޙުކުމް ބާޠިލުކުރުމަށްފަހު މިނިވަންކުރުމަށް ކޯޓުން ފަހުގެޙުކުމްކޮށްފިއެވެ. މިއަދު ފަހުގެ ޙުކުމް ކުރެވިފައިވަނީ ސ.ފޭދޫ އާޒާދުގޭ އަޙްމަދު އިރްޢާމް އާއި ގދ.ވާދޫ އަންބަރީގޭ އިލްހާޒް ރަޝީދު އާއި ހ.ގަސްދޮށުގޭ މުފްރިޙް މުޙައްމަދު އަދި މ.އެލްސްކާ މުޙައްމަދު ޝިހާމް އަދި މ.ދިއްގަރު ދެބުދާރުގެ އަޙްމަދު އިޖާދު މުޙައްމަދުގެ މައްޗަށެވެ.
މީގެތެރެއިން އަޙްމަދު އިރްޢާމް ފަރުވާ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ 10 އޭޕްރީލް 2013 ގައެވެ. އަދި އިލްހާޒް ރަޝީދު ބައިވެރިކޮށްފައިވަނީ 01 އޭޕްރީލް 2013 ގައެވެ. މުފްރިޙް މުޙައްމަދު ބައިވެރިކޮށްފައިވަނީ 14 ޖަނަވަރީ 2013 ގައެވެ. މުޙައްމަދު ޝިހާމް ބައިވެރިކޮށްފައިވަނީ 21 އޭޕްރީލް 2013 ގައެވެ. އަޙްމަދު އިޖާދު މުޙައްމަދު ބައިވެރިކޮށްފައިވަނީ 06 މެއި 2013 ގައެވެ.
އަޙްމަދު އިރްޢާމް އާއި އިލްހާޒް ރަޝީދު އާއި މުފްރިޙް މުޙައްމަދު އަދި އަޙްމަދު އިޖާދު މުޙައްމަދު ވެސް ބައިވެރިކޮށްފައިވަނީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު ގެ 03 މަހުގެ ފަރުވާ އާއި ކޮމިއުނިޓީ 03 މަސްދުވަހުގެ ފަރުވާ ޕްރޮގްރާމްގައެވެ. މުޙައްމަދު ޝިހާމް ބައިވެރިކޮށްފައިވަނީ 06 މަސް ދުވަހުގެ ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމްގައެވެ.
އަޙްމަދު އިރްޢާމް ތަންފީޛް ކުރަމުންދިޔަ 03 އަހަރު ދުވަހުގެ ޖަލު ޙުކުމާއި އިލްހާޒް ރަޝީދު ތަންފީޛް ކުރަމުންދިޔަ 15 އަހަރުގެ ޖަލު ޙުކުމާއި 03 އަހަރުގެ ޖަލު ޙުކުމާއި މުފްރިޙް މުޙައްމަދު ތަންފީޛް ކުރަމުންދިޔަ 25 އަހަރުގެ ޖަލު ޙުކުމާއި 03 އަހަރާއި 06 މަސް ދުވަހުގެ މުއްދަތަށް އަރުވާލުމުގެ ޙުކުމާއި މުޙައްމަދު ޝިހާމް ތަންފީޛް ކުރަމުންދިޔަ 25 އަހަރުގެ ޖަލު ޙުކުމާއި 12 އަހަރުގެ ޖަލު ޙުކުމާއި އަދި އަޙްމަދު އިޖާދު މުޙައްމަދު ތަންފީޛް ކުރަމުންދިޔަ 6 އަހަރުގެ ޖަލު ޙުކުމް ވެސް ވަނީ ބާޠިލު ކޮށްފައެވެ.