ދެމީހަކު ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
އިއްޔެ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުން ދެމީހަކު ވަކިކޮށް އެމީހުންގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ޙުކުމް ތަންފީޛުކުރުމަށް އަމުރުކޮށްފިއެވެ. ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފައިވާ ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި ވައިޖެހޭގެ މުޙައްމަދު ކަރަމް ވަކިކޮށްފައިވަނީ، ރީހެބިލިޓޭޝަން އަމުގެ މުއްދަތުގައި ދެފަހަރަށް ކުށްކޮށްފައިވާތީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ޝަރުޠުތަކާއި،
އެ ޝަރުޠުތަކާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 82 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
މުޙައްމަދު ކަރަމް ފަރުވާގެ މުއްދަތުގައި ވައްކަންކުރުމުގެ ތުހުމަތުގައިއާއި، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވެއެވެ.
މުޙައްމަދު ކަރަމްގެ ފަރުވާގެ ޕްރޮގްރާމު ހުއްޓާލުމުގެ ސަބަބުން، ތަންފީޛުކުރުން ހިފެހެއްޓިފައިވާ ކްރިމިނަލް ކޯޓުގެ ދެ ޙުކުމް ތަންފީޛުކުރުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ތަންފީޛުކުރުން ހިފެހެއްޓިފައިވާ ދެޙުކުމުގެ ޖުމުލަ މުއްދަތަކީ 12 އަހަރު ދުވަހެވެ. މި ޙުކުމް ތަކަކީ އޭނާ ފަރުވާފުރިހަމަކުރިނަމަ، ބާޠިލުކުރެވޭނެ ޙުކުމްތަކެކެވެ.ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ޝަރުޠުތަކާއި، އެ ޝަރުޠުތަކާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދު ދަށުން އިތުރު ކުށެއްކުރުމަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރުމެވެ.
ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފައިވާ ދެވަނަ މީހަކީ، ސ. މީދޫ ނިމެރި މުޙައްމަދު ލުޠުފީއެވެ. މުޙައްމަދު ލުޠުފީ ފަރުވާގެ ޕްރޮގްރާމު ހުއްޓާލާފައިވަނީ ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ ހުއްދަނެތި މުޙައްމަދު ލުޠުފީ ފަރުވާގެ ޕްރޮގްރާމް ހުއްޓާލައި މާލެއިން ފުރައިގެން ގޮސްފައިވާތީއާއި، ކޮމިއުނިޓީ ފަރުވާގެ 02 ވަނަ މަހުންފެށިގެން ކްލާސްތަކަށާއި ސޮއިކުރުމަށް ޙާޟިރުވެފައި ނުވާތީއާއި، ފަރުވާގެ މުއްދަތުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ފުލުހުން ބަންދުކޮށްފައި ވުމުގެ އިތުރުން ޝަރީޢަތަށް މުޙައްމަދު ލުޠުފީ ފަރުވާގެ ޕްރޮގްރާމުގައި ބެހެއްޓުމަކީ އެދެވޭ ނަތީޖާއެއް ނިކުންނާނެކަމެއް ނޫންކަމަށް ފެންނާތީއެވެ.
މުޙައްމަދު ލުޠުފީގެ ފަރުވާގެ ޕްރޮގްރާމު ހުއްޓާލުމުން އޭނާގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވުމާގުޅިގެން ޑްރަގް ކޯޓުން ކޮށްފައިވާ 03 އަހަރު ދުވަހަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށް އިއްޔެ އޭނާވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކުރެވިފައެވެ.