ޑްރަގް ކޯޓު ، ޢިއްޒުއްދީންމަގު, 20324

3018556

އާދީއްތަ - ބުރާސްފަތި 08:00 - 14:00

ޑްރަގު ކޯޓް

ޑްރަގް ކޯޓުގެ ތަޢާރުފު

ޑްރަގް ކޯޓަކީ ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުށަށް އަރައިގަތުން މަދުކުރުމަށާއި، ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާމީހުން ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ ދަށުން އުފެދިފައިވާ ސުޕީރިއަރ ކޯޓެކެވެ.

ޑްރަގް ކޯޓުގެ އިޚްތިޞާޞް މައިގަނޑު ހަތަރު ގިންތިއެއްގައި ހިމެނޭ މީހުންނަށް ލިބެއެވެ. އެ ގިންތިތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަސްތުވާތަކެތި ޕެޑްލްކުރާމީހުންނާއި، މަސްތުވާތަކެތި ބޭނުންކޮށްގެން އޭގެ ނުފޫޒުގައި ހުރެ ޖިނާއީ ކުށް ކުރާ މީހުންނާއި (ވައްކަމާއި ފޭރުންފަދަ)، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން، ޖިނާއީ ޙުކުމެއް ނުވަތަ ޙުކުމްތަކެއް ތަންފީޛުކުރަމުންދާ މީހުންނެވެ. މިއިން ކޮންމެ ގިންތިއެއްގެ މީހަކަށްވެސް ޑްރަގް ކޯޓުގެ އިޚްތިޞާޞް ލިބިގެންދާނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި އެ ގިންތިއަކާބެހޭ ގޮތުން ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

ޑްރަގް ކޯޓަކީ ތަފާތު ކޯޓެވެ. ޑްރަގް ކޯޓުގެ އިޚްތިޞާޞްލިބޭ ހުރިހާ މައްސަލައެއްވެސް ޑްރަގް ކޯޓުގައި ކުރިއަށް ގެންދެވޭނީ ކުރެވިފައިވާ ދަޢުވާއަށާއި، އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށާއި، ކަނޑައެޅޭ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވުމަށާއި، އަދި ޑްރަގް ކޯޓުން ކަނޑައަޅާ އެހެނިހެން ޝަރުޠުތަކަށް ދަޢުވާލިބޭފަރާތް އެއްބަސްވުމުންނެވެ. .

ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައި ޙުކުމްކުރާނީ އެއް ފަނޑިޔާރަކު ހުރެގެން ހިންގާ ޝަރީޢަތުގެ މަޖިލީހަކުންނެވެ. މިވަގުތު ޑްރަގް ކޯޓުގައި ފަސް ފަނޑިޔާރުން މަސައްކަތްކުރަމުންދެއެވެ.