އިޚްތިޞާޞް
- Hits: 13079
ބޭނުންކުރާ މީހުންނާއި ޕެޑްލްކުރާ މީހުން
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.
1- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން.
2- ދަޢުވާ އުފުލިފައިވާ ކުށަށް އިޢުތިރާފުވެފައިވާ ނުވަތަ އިޢުތިރާފުވުމަށް އެއްބަސްވެފައިވާ މީހެއް ކަމުގައިވުން.
3- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދަޢުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން.
4- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ މީހެއް ކަމުގައިވުން.
މަސްތުވާތަކެތި ބޭނުންކޮށްގެން އޭގެ ނުފޫޒުގައިހުރެ ޖިނާއީ ކުށްކުރާ މީހުން
މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ނުފޫޒުގައި ހުރެ ކޮށްފައިވާ ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.
1- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން.
2- ދަޢުވާ އުފުލިފައިވާ ކުށް އޭނާ ކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށްގެން، އޭގެ ނުފޫޒުގައި ހުރެ ކަމަށްވުން.
3- ދަޢުވާ އުފުލިފައިވާ ކުށަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވުން.
4- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދަޢުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން.
5- ދަޢުވާ އުފުލިފައިވާ ކުށަކީ، އެ ކުށް ސާބިތުވެއްޖެނަމަ، 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ ނުވަތަ އަރުވާލުމުގެ އަދަބު އޭނާގެ މައްޗަށް ކަނޑައެޅިދާނެ ކުށަކަށްނުވުން.
6- ދަޢުވާ އުފުލިފައިވާ ކުށަށް އިޢުތިރާފުވެފައިވާ ނުވަތަ އިޢުތިރާފުވުމަށް އެއްބަސްވެފައިވާ މީހެއް ކަމުގައިވުން.
7- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ މީހެއް ކަމުގައިވުން.
ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހުން
ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނީ، އޭނާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.
1- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމުގައިވުން.
2- ތަންފީޛުކުރަމުންދާ ޙުކުމް ނިސްބަތްވާ ކުށަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށް ކަމުގައިވުން؛ ނުވަތަ
3- އެއް ޙުކުމަށްވުރެ ގިނަ ޙުކުމް އޭނާގެ މައްޗަށް ކުރެވިފައިވާ މީހެއް ކަމަށްވެފައި، އޭނާ އެހިނދު ތަންފީޛުކުރަމުންދާ ޙުކުމަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ޙުކުމެއް ކަމުގައިނުވާނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުމުން، ދެން ތަންފީޛުކުރަން އޮތް ޙުކުމަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ކުށުގެ ޙުކުމެއް ކަމުގައިވުން.
4- ތަންފީޛުކުރަމުންދާ ޙުކުމް ނިސްބަތްވާ ކުށަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމުގައިނުވުން.
5- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދަޢުވާ އެހެން ކޯޓެއްގައި އުފުލިފައިވާ މީހެއް ކަމުގައިނުވުން.
6- ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ މީހެއް ކަމުގައިވުން.