ޑްރަގް ކޯޓުގެ 2019 އަދި 2021 ވަނަ އަހަރުގެ އަހަރީ ޙަފުލާ ބާއްވައިފި!

ޑްރަގް ކޯޓު ގެ 2019 އަދި 2021 ވަނަ އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 2020 ވަނަ އަހަރުގެ އަހަރީދުވަހުގެ މި ޙަފްލާ ބޭއްވިފައި ނުވަނީ އެ ދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑު-19ގެ ވަބާގެ ސަބަބުންނެވެ.

29 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް ހެލްތް ގެ މޫމިނާ ހަލީމް މާލަމް ގައި ބޭއްވުނު މި ޙަފުލާގެ ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ، ޑެޕިއުޓީ ހެލްތް މިނިސްޓަރ އަލްފާޟިލް ޝަމާޢު ޝަރީފެވެ. މި ޙަފުލާގައި 2019 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ އިތުރުން، ޑްރަގް ކޯޓަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަފައިވާ ކޯޓުގެ ކުރީގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2019 އަދި 2021 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެވުނެވެ.

2019 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ ކޮމްޕިޔުޓަރ ޓެކްނީޝަން އިސްމާޢިލް ޝަރީފެވެ. އަދި 2021 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ ލީގަލް އޮފިސަރ އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.