ޑްރަގް ކޯޓުގެ އަހަރީ ރިޕޯޓު ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅައިފި!
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅަން ޖެހޭ ރިޕޯޓު 20 ޖެނުއަރީ 2015ގައި އެ ކައުންސިލަށް ޑްރަގް ކޯޓުން ހުށަހަޅައިފިއެވެ.
މި ރިޕޯޓުގައި 2014 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފުޞީލާއި، މައްސަލަތައް ނިމުނު ގޮތާއި، މައްސަލަތަކުގެ ބާވަތްތަކާއި، ފަރުވާ ފުރިހަމަކުރި މީހުންނާއި ފުރިހަމަ ނުކުރާ މީހުންގެ ތަފުޞީލާއި، މައްސަލަ ނިންމުމަށް ހޭދަވެފައިވާ ވަގުތުގެ އިތުރުން އިދާރީ ގޮތުން ހުރި ދަތިތައް ފާހަގަކުރެވިފައިވެއެވެ.
ވޭތުވެދިޔަ އަހަރު ޑްރަގް ކޯޓަށް ޖުމުލަ 808 މައްސަލަ ހުށަހެޅިފައިވެއެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 775 މައްސަލައާއި، ނޭޝަނަލް ޑްރަގް އެޖެންސީން ހުށަހެޅި 31 މައްސަލައާއި، ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރެވުނު 2 މައްސަލައެވެ. މި މައްސަލަތަކަށް ބަލާއިރު، ދަޢުވާލިބޭ މީހުންގެ %96.7 އަކީ ފިރިހެނުންނެވެ. އަދި ހުށަހެޅިފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ޢަދަދަކީ 25 އެވެ.
ދަޢުވާލިބޭ މީހުން ނިސްބަތްވާ ސަރަޙައްދަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލައިގައި ދަޢުވާލިބޭ ގިނަ މީހުންނަކީ މާލެ މީހުންނެވެ. އެއީ 215 މީހުންނެވެ. މި ނިސްބަތް އެންމެ ދަށީ ފ. އަތޮޅުގައެވެ. އެގޮތުން ދަޢުވާލިބޭ މީހުންގެ ގޮތުގައި ތިބި ފ. އަތޮޅު މީހުންގެ ޢަދަދަކީ އެންމެ 2 އެވެ.
2014 ވަނަ އަހަރު ފުރަތަމަ ޙުކުމުކޮށް ފަރުވާލިބިގަތުމަށް 412 މީހެއްގެ މައްޗަށް އަމުރުކުރެވިފައިވެއެވެ. މީގެތެރެއިން ގިނަ މީހުންގެ މައްޗަށް ފުރިހަމަކުރުމަށް އަމުރުކުރެވިފައިވާ ފަރުވާއަކީ ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގައި ހިންގޭ ފަރުވާގެ ޕްރޮގުރާމެވެ.
ރީހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަ ކޮށްގެން، 167 މީހެއްގެ މައްޗަށް 2014 ވަނަ އަހަރު ފަހުގެ ޙުކުމް އިއްވިފައިވެއެވެ. އަދި ތަފާތު ސަބަބުތަކާ ހުރެ 85 މީހަކު ފަރުވާގެ ޕްރޮގްރާމުން ވަކިކުރެވި، ފުރަތަމަ ޙުކުމް ތަންފީޛުކުރުމަށް އަމުރުކުރެވިފައެވެ. ރިޕޯޓް ޑައުންލޯޑު ކުރެއްވުމަށް!