ޖުލައި
2026
ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ޑްރަގް ކޯޓުން ޚާއްސަ ޙަފްލާއެއް ބާއްވައިފި! (2026)
ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފާއިތުވި އަހަރު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޚާއްޞަ ޙަފުލާއެއް، 25 ޖޫން 2026 ވަނަ ދުވަހުގެ ރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ވަނީ ބޭއްވިފައެވެ. މި ޙަފްލާގައި ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީލިޔުން ދެއްވީ ޙަފްލާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން އެވެ.
ވޭތުވެ ދިޔަ އަހަރު ޑްރަގް ކޯޓުން 696 މީހެއްގެ މައްޗަށް ރިހިބިލިޓޭޝަން އަމުރުކޮށްފައިވެއެވެ. އަދި އެ އަހަރުގެ ތެރޭގައި 513 ފަރާތަކުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. ހަމައެއާއެކު، އަމުރާ ޚިލާފުވެގެން، 217 މީހެއްގެ ފަރުވާގެ ޕްރޮގުރާމު ހުއްޓާލައި، އެ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ފުރަތަމަ ޙުކުމް އިޢާދަކޮށް، ޖަލުގައި އެ ޙުކުމް ތަންފީޛު ކުރުމަށް ވެސް އެ އަހަރުގެ ތެރޭގައި އަމުރުކުރެވިފައިވެއެވެ.
ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހިތްވަރުދީ، މަސްތުން ދުރުވުމުގައި ހޯދި ކާމިޔާބު ފާހަގަކޮށް ހަނދާނީލިޔުން ދެވުނު މި ޙަފުލާގައި، ވަޒީރު އިޙްސާން ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމް ހަޖައްސަވައިދެއްވުމަކީ އަދުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށާއި، މިގޮތުން ކ.ހިންމަފުށީގައި ޤާއިމުކުރެވިފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު މަރާމާތުކޮށް ޖާގަ އިތުރު ކުރުމުގެ ޚާއްޞަ މަސައްކަތެއް މިހާރު ކުރެވެމުންދާ ކަމަށާއި، އެކަން ނިމުމުން އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި، ފަރުވާ ނިންމި ފަރާތްކަށް ހިތްވަރުދެއްވައި، ދެވަނަ ފަހަރަށް މި ފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރަން ނުޖެހޭނޭ ފަދައިން ހިތްވާރާއެކު މަސައްކަތްކުރުމަށް ނަސޭހަތްތެރިވެޑައިގަތެވެ.
މި ޙަފުލާގައި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއަރ އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީގު ވެސް ފަރުވާ ފުރިހަމަކުރި ފަރާތްތަކާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ނ.އަތޮޅުގައި ރިހިބިލިޓޭޝަން ސެންޓަރެއް މި އަހަރުތެރޭގައި ޤާއިމް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
މި ޙަފްލާގައި ޑްރަގް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ މައްސަލަތައް ބަލައި، ފަރުވާގެ ނިޒާމުގައި ޑްރަގް ކޯޓުގެ ދައުރާއި، ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް މިފަދަ ޚާއްޞަ ޙަފުލާއެއް ބޭއްވުމުގެ ބޭނުން ހާމަކޮށްދެއްވިއެވެ.
