ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ޚާއްޞަ ބައްދަލުވުންތަކެއް!
ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވިފައިވާ ފަރާތްތަކުގެ ފަރުވާގެ މަރުޙަލާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، ޑްރަގް ކޯޓުން ކަމާބެހޭ އިދާރާތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.
މީގެ ފުރަތަމަ ބައްދަލަވުން ބޭއްވުނީ 11 ޑިސެންބަރ 2023 ގައެވެ. މި ބައްދަލުވުމުގައި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ބައިވެރިވެޑައިގަތެވެ.
މި ބައްދަލުވުމުގައި، ޖުމްލަ 50 ފަރާތެއްގެ ފަރުވާ ކުރިއަށްދާ ގޮތާ ބެހޭގޮތުން ބައިވެރިންގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ. އެގޮތުން، ފަރުވާ ނުފެށިވާ ފަރާތްތަކާއި، ފަރުވާ ފެށުމަށް ފަހު، އިތުރު މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކާއި، އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ލަސްވެފައިވާ ޙާލަތްތަކާއި، މި ކަންކަން ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާ މެދު ވާހަކަދެކެވިފައިވެއެވެ.
މި ބައްދަލުވުންތަކަކީ ރީހެބިލިޓޭޝަން މަރުޙަލާގައި ބައިވެރިވާ އެކި އިދާރާތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތައް ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގައި، ޑްރަގް ކޯޓުގެ އަމާޒަކީ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގެ ޕްލެޓްފޯމެއް އުފައްދައިގެން ގޮންޖެހުންތަކާ ކުރިމަތިލުމާއި ރިހެބިލިޓޭޝަން ނިޒާމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގުފަހިކުރުމެވެ.
އަންނަ އަހަރުން ފެށިގެން، ކޮންމެ މަހަކު ވެސް، މި ފަދަ ދެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.