
ޖޫން
2025
ޑްރަގް ކޯޓުގެ ތަފާސްހިސާބު: ފަރުވާ ފުރިހަމަ ކުރި މީހުންގެ ތެރެއިން 82 އިންސައްތަ މީހުން ރިލެޕްސް ނުވޭ!
31 ޑިސެމްބަރ 2011 ގައި ތަސްދީގުކުރެވުނު މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުނު ފަހުން 13 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޑްރަގް ކޯޓަށް މިހާތަނަށް 11700 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި 94 އިންސައްތަ ފިރިހެނުން، 3 އިންސައްތަ އަންހެނުން އަދި 2 އިންސައްތަ ކުޑަކުދިންގެ މައްސަލަ ހިމެނެވެ.
ތަފާސްހިސާބުން ޑްރަގް ކޯޓުގެ މަސައްކަތް ކާމިޔާބުތޯ ނުވަތަ ނޫންތޯ ބަލާއިރު، މިހާނަށް 5148 މައްސަލައިގައި ފަހުގެ ޙުކުމް ކޮށްފައިވެއެވެ. އަދި ފަހުގެ ޙުކުމް ކުރެވުނު ފަހުން، 946 މީހުންގެ މައްސަލަ ކޯޓަށް އަލުން ހުށަހެޅިފައިވެއެވެ. މި ޢަދަދުތަކަށް ބަލާއިރު، ފަރުވާ ފުރިހަމަ ކުރި މީހުންގެ ތެރެއިން 4202 މީހުންގެ (82 އިންސައްތަ) މައްސަލަ އަލުން ކޯޓަށް ހުށަނޭޅެއެވެ.
ފަރުވާއިން ވަކިކުރި މީހުންގެ ތަފާސްހިސާބަށް ބަލާއިރު، 2389 މައްސަލައިގައި ފަރުވާއިން ވަކިކޮށް، ޖަލު ހުކުމް ތަންފީޒުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަރުވާއިން ވަކިކުރިފަހުން، 498 މީހުންގެ (20 އިންސައްތަ) މައްސަލަ ކޯޓަށް ހުށަހެޅިފައިވެއެވެ. ޑްރަގް ކޯޓުގެ ގަވާއިދުގައިވާ ގޮތުން ފަރުވާއިން ވަކިކުރާ މީހެއްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅޭނީ ފަރުވާއިން ވަކިކުރުމުގެ ސަބަބުން އެމީހަކު ތަންފީޒުކުރަންޖެހޭ ޙުކުމް ތަންފީޒުކޮށް ނިމުމުންނެވެ. ވީމާ، މިދެންނެވި 498 މީހުންނަކީ، ޑްރަގް ކޯޓުން ތަންފީޒުކުރަން އަމުރުކުރި ޙުކުމް ތަންފީޒުކޮށް ނިމުނުފަހުން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ދަޢުވާ ކުރެވިފައިވާ މީހުންނެވެ.
ޑްރަގް ކޯޓުގެ ޕެންޑިއަށް ބަލާއިރު، މެއި 2025 ގެ ނިޔަލަށް 1376 މައްސަލަ ނުނިމިވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރެއިން 1192 މައްސަލައިގައި ހިމެނޭ މީހުންނަކީ ފަރުވާގެ މަރުހަލާގައި ތިބި މީހުންނެވެ. އަދި ރީހެބިލިޓޭޝަން އަމުރު ކުރުމުގެ ކުރީގެ މަރުހަލާގައި 184 މައްސަލަ އޮތްކަން ތަފާސްހިސާބުން ދައްކައެވެ.